އައްޑޫ މަރަދޫގައި މިހާރު ކުރިއަށްދާ "ޑީޑީ ކަޕް 2025" ގެ ތެރެއިން ސަޕޯޓަރުންތަކެއްގެ ފަރާތުން ފެނުނު ކަމަކަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެ އެވެ.
އިއްޔެ ހަވީރު ހިތަދޫ މައިލޯ ސިޓީ އާއި އެފްސީ ޒެފިއާގެ މެޗަށް ފަހު، މައިލޯގެ ސަޕޯޓަރުން ވަނީ އާންމުކޮށް ނުފެންނަ މަންޒަރަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. އެގޮތުން މެޗަށް ފަހު އެ ޓީމުގެ ސަޕޯޓަރުން ވަނީ އެ މީހުން ތިބި ސަރަހައްދުގައި ހުރި ކުނިތައް ނަގައި ޖަމާކޮށްފަ އެވެ.
އާންމުކޮށް މެޗެއް ފަދަ ހަރަކާތެއް ނިމިގެން ގިނަ ބަޔަކު އެނބުރި ދާ އިރު، މުޅި ތަން އޮންނާނީ ޕްލާސްޓިކް ފުޅި އާއި ފާޑުފާޑުގެ ޕެކެޓްތަކާއި އެ ނޫން ވެސް ތަފާތު އެކި ކަހަލަ އެއްޗެހިން ގޮނޑުވެފަ އެވެ. ނަމަވެސް އިއްޔެގެ މެޗަށް ފަހު މައިލޯގެ ސަޕޯޓަރުން ދިޔައީ ޖަމާވެފައިވާ ކުނިތައް ނަގައި ކޮތަޅުތަކަށް އަޅައި، ފަސޭހަ އިން އެ ގެންދެވޭނެ ގޮތަށް ބަހައްޓައިފަ އެވެ.
މި މަންޒަރު ފެންނަ ފޮޓޯތަކާ އެކު ސަޕޯޓަރުންތަކެއް ދެއްކި އެ ނަމޫނާ އަށް ބައެެއް މީހުން ސޯޝަލް މީޑިއާގައި ތައުރީފުކޮށްފައިވެ އެވެ. އެގޮތުން މައިލޯގެ މައިލޯ ސަޕޯޓަރުން ދެއްކި ނަމޫނާ އެހެން ސަޕޯޓަރުންގެ ކިބައިން ވެސް ފެންނާނެ ކަމަށް ގަބޫލުކުރާ ބައެއް މީހުން ބުނެފައިވެ އެވެ.
އިއްޔެގެ މެޗަށް ފަހު މައިލޯގެ ސަޕޯޓަރުން ނަމޫނާ ދެއްކި އިރު، އެ މީހުންގެ ޓީމު ވަނީ މެޗުން މޮޅު ވެސް ވެފަ އެވެ. އެއީ 1-0 އިންނެވެ.
މިދިޔަ ހުކުރު ދުވަހު ފެށި "ޑީޑީ ކަޕް 2025" އަކީ މަރަދޫގެ މަޖިލިސް މެންބަރު އަހުމަދުދީދީ އިންތިޒާމު ކުރައްވައިގެން ބާއްވާ މުބާރާތެކެވެ. މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މުބާރާތުގައި 6 ޓީމް ވާދަކުރެ އެވެ. އެއީ ސޮބާހް މެމޯރިއަލް ޓީމް (އެސްއެމްޓީ) އާއި ފްރެންޑްސް ކްލަބާއި ޒެފިޔާ އާއި މައިލޯ ސިޓީ، ފަހަރަ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް މައިލޯ އެވެ.\
"ޑީޑީ ކަޕް 2025" ކުރިއަށް ދާނީ އަންނަ މަހުގެ 1 އާ ހަމައަށެވެ.