Last Updated: May 20, 11:19
Tuesday, May 20, 2025
ދުނިޔެ

ހަނޑޫ ގަންނަން ނުޖެހޭ ކަމަށް ވިދާޅުވުމުން ހޫނު ފެނަށް!

ސަޕޯޓަރުން ވަރަށް ގިނަ ހަދިޔާ ދޭ ކަމަށާއި އެހެންވެ ދުވަހަކު ވެސް ހަނޑޫ ވެސް ގަންނަން ޖެހިވަޑައިނުގަންވާ ކަމަށް ވިދާޅުވެ، ޖަޕާންގެ އެގްރިކަލްޗަ މިނިސްޓަރު ޓަކޫ އެޓޯ ދެއްކެވި ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން މައާފަށް އެދިވަޑައިގެންފި އެވެ.

"ހަނޑޫ ގަންނަން ނުޖެހޭ" ކަމަށް މިނިސްޓަރު ވިދާޅުވީ އިއްޔެ ބޭއްވި ފަންޑް ރެއިޒިން އިވެންޓެއްގަ އެވެ. އެ އިވެންޓްގައި އޭނަ ވަނީ "ހަނޑޫ ވިއްކަން ބޭނުންވެއްޖެ ނަމަ އެ ވަރަށް ވެސް ހަނޑޫ އަތުގައި ހުރި ކަމަށް" ވިދާޅުވެފަ އެވެ.

އޭނަގެ އެ ވާހަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ އިސްތިއުފާ އަށް ވެސް ސޯޝަލް މީޑިއާގައި ގޮވައިފަ އެވެ. ބައެއް މީހުން ބުނީ ޖަޕާނުގައި ހަޑޫ ފަދަ ކާޑުގެ ބާވަތްތަކުގެ އަގު އުފުލެމުންދާ އިރު، މިނިސްޓަރުގެ ވާހަކަ އަކީ އާންމުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ.

ފާޑުކިޔުންތަކާ އެކު އިސްތިއުފާ އަށް ގޮވުމުގެ އަޑު ގަދަވާން ފެށުމުން މިނިސްޓަރު މިއަދު ވަނީ އޭނަ ދެއްކެވި ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ. ނޫސްވެރިންނަށް އޭނަ ވިދާޅުވީ ދެއްކެވުނީ ދައްކަވަން ޖެހޭ ޒާތުގެ ވާހަކައެއް ކަމަށް މިހާރު ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަނބިކަނބަލުން ވެސް ހިތްހަމަޖެހިވަޑައިނިގެން އޭނައާ ދިމާއަށް "ހަޅޭއްލަވާފައިވާ" ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

ޓަކޫ ވަނީ މައާފަށް އެދިވަޑައިގަތް ނަމަވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާތޯ ސުވާލު އުފެއްދަވައިފަ އެވެ.

ޖަޕާނުގައި ހަނޑުލުގެ ސަޕްލައި ދަށްވުމާ ގުޅިގެން އަގު އުފުލިފައިވާތީ މިދިޔަ މާޗުން ފެށިގެން ސަރުކާރުން އަންނަނީ އަގު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.