މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20ރ. ބޮޑުކޮށް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްބައިފި އެވެ.
އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ މިއަދު ރައީސް އޮފީހުގައި ކެޔޮޅުންނާ އެކީ ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ކެޔޮޅުން ވަނީ ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށް ދިނުމަށާއި ފަސޭހަކަމާއެކު މިފްކޯ އިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށް ދިނުމާއި މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުން ކުރާ ގޮތަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ. އަދި މަސް ކަނދުފައްޗާއި މަސްކިރާ ލޮކޭޝަން އިތުރުކޮށް ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް އިންތިޒާމު ހަމަޖައްސައި ދޭން ވެސް އެދިފަ އެވެ.
ކެޔޮޅުން ވަނީ ކިރާ މަހަށް 48 ގަޑިއިރުތެރޭގައި އަގު ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން މަސްވެރިކަމަށް ނުކުންނަ މިންވަރު އިތުރުވަމުން އަންނަކަން ވެސް ފާހަގަކޮށްފަ އެވެ.
ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތިކޮށް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތް ކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒް ކުރުމަކީ އަމާޒެއް ކަމަސް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތަށް އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އެވެ.
ރައީސް ވިދާޅުވީ ކެޔޮޅުން މިއަދު ފާހަގަކުރި ކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.