އިންޑިއާގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރް ޑައިރެކްޓްކުރި ދެވަނަ ފިލްމު "ތަންވީ، ދަ ގްރޭޓް" އަންނަ ޖުލައި މަހުގެ 18 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މިކަން އޭނަ އިއުލާންކޮށްފައި ވަނީ ފްރާންސްގައި މިހާރު ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލްގައި ވެސް އިއްޔެ ފިލްމު ޕްރީމިއާކޮށްފައި ވަނިކޮށެވެ. އެ ގައުމުގައި ހުރެގެން ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި އަނޫޕަމް ބުނީ "ތަންވީ" އަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާ ކަމަށާއި ފިލްމު ޖުލައި މަހުގެ 18 ގައި ބެލުންތެރިންނަށް ދޫކޮށްލާނެ ކަމަށެވެ.
މި ފިލްމަކީ އަނޫޕަމް ޑައިރެކްޓްކުރުމުގެ އިތުރަށް ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. "ތަންވީ" ގެ ޓައިޓްލް ރޯލު އާ ބަތަލާ އަކު ކުޅެފައިވާ އިރު، މިއިން ފެންނާނެ ތަރިންގެ ތެރޭގައި ބޮމަން އިރާނީ، އަރްވިންދު ސްވާމީ، ކަރަން ޓައްކަރް، ޕައްލަވީ ޖޯޝީ އަދި ނައްސާރު ހިމެނެ އެވެ.
އަނޫޕަމް ޑައިރެކްޓްކުރި ފުރަތަމަ ފިލްމަކީ މީގެ 22 އަހަރު ކުރިން 2002 ގައި ގެނެސްދިން ޑްރާމާ ފިލްމު "އޯމް ޖޭ ޖަގްދިޝް" އެވެ. އެ ފިލްމުގެ ކާސްޓުންނަކީ އަނިލް ކަޕޫރް، އުރްމިލާ މަޓޯންޑްކަރް، އަބީޝެކް ބައްޗަން، މަހީމާ ޗައުދަރީ، ފަރުދީން ޚާން އަދި ތާރާ ޝަރުމާ އެވެ. މީގެ ރޯލެއް ކުރީގެ މަޝްހޫރު ބަތަލާ ވަހީދާ ރަހުމާން ވެސް ކުޅުނެވެ.
"ތަންވީ" ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު، ފިލްމުގެ ޓްރެއިލާ އަދި ބެލުންތެރިންނާ ހަމައަށް އަންނަން އޮތީ އެވެ.