ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 މީހުން ފޯމު ހުށަހަޅައިފި އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.
އިނާމަށް ހުށަހެޅި ބޭފުޅުން ހުށަހެޅި ވަޒީފާގެ ލިޔުންތައް ގައުމީ އިނާމާ ބެހޭ ކޮމިޓީން މިހާރު ވަނީ ބަލައި އޭގެތެރެއިން އިންޓަވިއުއަށް ޝަރުތު ހަމަވާ މީހުން ކަނޑައަޅާފަ އެވެ. އަދި ކޮމިޓީން މިއަދު ވަނީ އިންޓަވިއުތައް ފަށާފަ އެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.