Last Updated: May 21, 09:44
Wednesday, May 21, 2025
ޚަބަރު

ބައި-އިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ދައުރު ހަމަވާން ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލު މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ

ލާމަރުކަޒީ ގާނޫނަށް މި ބަދަލު ގެނެސްފައިވަނީ ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގަ އެވެ.

މި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތައް:

1- ކައުންސިލެއްގެ ރައީސްގެ މަޤާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ އޮތީ، 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ޙާލަތެއްގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކޮށްގެންނުވާނެ އެވެ.

2- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަޤާމު ހުސްވިއިރު އެ ކޮމިޓީގެ ޢުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެންބަރުން ނެތް ޙާލަތުގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކޮށްގެންނުވާނެ އެވެ.

މި ބިލު ރައީސް ތަސްދީގު ކުރައްވާފައިވާއިރު، މިހިނގާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭ 17 ވަނަ ދުވަހު އެވެ.