ދުންފަތް ކޮންޓްރޯލް ކުރަން ކުރައްވާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ (ޑަބްލިއުއެޗްއޯ) ޑިރެކްޓާ ޖެނެރަލްގެ ފަރާތުން ދެއްވާ ހާއްސަ އެވޯޑް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފި އެވެ.
ކޮންމެ އަހަރަކު ވެސް ޑަބްލިއުއެޗްއޯ އިން އަންނަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުގެ އަގުވަޒަންކޮށް ތަފާތު އެކި ދާއިރާތަކުން އެވޯޑުތައް ދެމުންނެވެ.
އެގޮތުން މި އަހަރު ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ހާއްސަ އެވޯޑު ލިބިފައިވަނީ ދެ ފަރާތަކަށެވެ. އެއީ ރައީސް މުއިއްޒުގެ އިތުރުން މޮރިޝަސްގެ ހެލްތު މިނިސްޓްރީ އަށެވެ.
މިފަދަ އެވޯޑެއް ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވި އިރު، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ނުވަތަ ޖެނެރޭޝަނަލް ބޭން އެއް ކަނޑައެޅުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.
އަދި މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެ ކުރުން މަނާކޮށް، ޖެހިގެން އައި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން، ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 8ރ. އަށް މަތިކޮށްފަ އެވެ. އަދި، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ވަނީ ބޮޑުކޮށްފަ އެވެ.