ހދ. ކުޅުފުއްފުށި ޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާނެވެ.
އިކޮނިމިކް މިނިސްޓްރީ އާއި އެމްޕީއެލްގެ ފަރާތުން މިއަދު ނެރުނު ޖޮއިންޓް ޕްރެސް ރިލީޒްއެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ބަނދަރަކީ، ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށެވެ.
މި މަޝްރޫއުގެ އަމާޒަކީ ހއ. ހދ. ށ. ނ. އަދި ވަށައިގެންވާ ރަށްތަކަށް ހިތުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުމެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަ މި މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރި އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކަތެރިކަމާއެކު ބެހެއްޓޭނެ ވަސީލަތްތައް ގާއިމްކުރުމަށް ރޭވިފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ފަށައިގަތުމަށް ސޮއިކުރެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލްކުރެވިގެން އަތޮޅުތެރެއަށް މުދާ އުފުލޭނެ ނިޒާމެއް ގާއިމްކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ހަރަދު ކުޑަކޮށް، ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާއެތެރެކުރެވި، ރާއްޖޭގެ އިގްތިޞާދު ކުރިއެރުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ސަބަބުން އިގްތިޞާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްއިން ފާހަގަކުރެ އެވެ.