ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 78 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފި އެވެ.
މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި ވޯލްޑް ހެލްތު އެސެމްބްލީގައި މިނިސްޓަރު ނާޡިމް ރަސްމީ ބަޔާން ދެއްވުމަށް ހަމަޖެހިމައިވާ ތަޤްރީރުގެ މައުޟޫއަކީ "ވަން ވަރލްޑް ފޯ ހެލްތު" އެވެ.
މި އެސެމްބްލީގައި ދުނިޔޭގެ ޞިއްޙީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޟޫތަކަށް މަޝްވަރާކުރެވޭނެ އެވެ. މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތައް މަޝްވަރާ ކުރެވޭނެ އެވެ.
މީގެ އިތުރުން އިމަޖެންސީ ޕްރިޕެއާޑްނަސް އެންޑް ރެސްޕޮންސް، ޕްރޮގްރާމް ބަޖެޓްއާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ އެވެ. އަދި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތައް މެދުވެރިވުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު އެގްރީމެންޓެއް ކަމަށްވާ "ޕެންޑަމިކް އެގްރީމަންޓް" ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމުޢިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ހެލްތު އެސްމްބްލީގެ ހަވާސާގެ ތެރެއިން މިނިސްޓަރު ނާޒިމް ތައިލޭންޑް އަދި ސައިޕްރަސް އާއި ރާއްޖެއާއި ދެމެދު އެކި ދާޢިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު 194 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.