ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުން ކުރިއަށް ގެންދިޔަ ގޮތުގެ ސަބަބުން، ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އދ.އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކޮށްފަ އެވެ. އެ ދެ ފަނޑިޔާރުން ވަކިކުރި ގޮތާއި މެދު ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އދ.ގެ ހިއުމަން ރައިޓްސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއި މެދު ކަންބޮޑުވުންތައް ހުރިއިރު، އެކަންކަމަށް ރިއާޔަތް ނުކޮށް ރައްޔިތުންގެ މަޖިލީހުން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމުން ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން އޮތް މިންވަރާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
މި ބަޔާނުގައި ވަނީ ދިވެހި ގާނޫނުއަސާސީއާ އެއްގޮތަށް މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވެފައިވާ ވައުދު ހަނދާންކޮށްދީފަ އެވެ. އަދި މިނިވަން ޝަރުއީ ނިޒާމެއް އޮތުމަކީ އެއީ ގާނޫނީ ވެރިކަން ދަމަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ސުޕްރީީމް ކޯޓްގެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ އެކަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށެވެ. ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.
މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައި ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތުމުން، އެ ފުރުސަތު ވެސް ނުދީ އެވެ.