މި ވެރިކަމުގެ ދައުރު ނިމޭއިރު އިންސާފަށް ހުކުމް ކުރާނެ އެންމެ ފަނޑިޔާރަކު ވެސް ކޯޓެއްގައި ނުބަހައްޓާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނެގި ވޯޓުގައި، އެ ދެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ އެއްވެސް ހަމައެއް ނެތި ޝަރުއީ ދާއިރާ ފުނޑާލުމަށް ކުރާ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް ހިންގާ އެންމެ ބޮޑު ޖަރީމާ ކަމަށެވެ.
"މި ސްޕީޑުގައި ދާނަމަ ދައުރު ނިމޭއިރު އިންސާފަށް ޙުކުމެއް ކުރާނެ އެންމެ ފަނޑިޔާރަކު ވެސް ކޯޓެއްގައި ނުބަހައްޓާނެ،" އިމްރާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ފާސްކޮށްފަ އެވެ. އެ ދެ ފަނޑިޔާރުން ވަކިކުރުން ކުރިއަށް ގެންދިޔަ ގޮތުގެ ސަބަބުން، ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އދ.އިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ސުޕްރީީމް ކޯޓްގެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ އެކަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށެވެ. ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.
މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައި ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތުމުން، އެ ފުރުސަތު ވެސް ނުދީ އެވެ.