Last Updated: May 21, 10:54
Wednesday, May 21, 2025
ދުނިޔެ

ބާރުގަދަ ތިން ގައުމެއްގެ އިންޒާރު އިޒްރޭލަށް

ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ އިޒްރޭލަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތާއި، ފްރާންސް އަދި ކެނެޑާ އިން ދީފި އެވެ.

އިޒްރޭލު ސިފައިން ގާޒާއަށް އެއްގަމުން މަގުން އަރައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ހަމަލާތަކުގައި އިއްޔެ އެކަނިވެސް ގާޒާއިން 80 މީހަކު ވަނީ މަރުވެފަ އެވެ.

ތިން ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ގާޒާއަށް އެއްގަމު މަގުން އަރައި ހިންގަމުންދާ އޮޕަރޭޝަނާއި ދެކޮޅު ކަމަށާއި ގާޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލު ސަރުކާރުން ދެކޮޅު ހެދުމާއި ގާޒާގެ ރައްޔިތުން ގަދަކަމުން އަމިއްލަ ވަޒަނުން ނެރުމަކީ އިންސާނީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އަދި އިޒްރޭލު ސަރުކާރުގެ އެކި ފަރާތްތަކުން ފާއިތުވި ދުވަސްތަކުގައި ގާޒާއާ ގުޅޭގޮތުން ދައްކާފައިވާ ދަށް ފެންވަރުގެ ވާހަކަތައް ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

މި ބަޔާނުގައި ވަނީ އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި، ގާޒާއަށް އަށް އިންސާނީ އެހީތެރިކަން ވައްދަން އަޅާފައިވާ ހުރަސްތައް ނައްތާނުލައިފިނަމަ އިޒްރޭލަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

މީގެއިތުރުން ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން ވެސް ދޫކޮށްލަން ވަނީ ގޮވާލާފަ އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރިއިރު، ފާއިތުވި ފަސް ދުވަސްތެރޭ ގާޒާއިން ގާތްގަނޑަކަށް 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 53،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.