Last Updated: May 21, 09:22
Wednesday, May 21, 2025
މުނިފޫހިފިލުވުން

'ލޯބިން' ކުޅޭ މީހުން މި ތިބީ

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފިލްމު "ލޯބިން" ގެ ކާސްޓުންނަކީ ކޮބައިކަން އެންމެ ފަހުން ހާމަކޮށްފި އެވެ.

ކާސްޓުން ސިއްރުކޮށްގެން މި މަހުގެ 1 ގައި ޝޫޓިން ފެށި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ކޮބައިކަން މިހާރު މިއޮތީ ކަށަވަރުވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މީގެ ކުރިން ވެސް އިއްލެއާ އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ތަރިންތަކެކެވެ.

އޭގެ ތެރޭގައި ހިމެނެނީ އޭނަގެ އަލަތު ފިލްމު 2019 ގެ "ބަވަތު" އިން ތައާރަފުކުރި އެކްޓަރު އިފްނާޒް ފިރާގާއި އެ ފިލްމުގެ ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) ގެ އިތުރުން އިއްލެ 2023 ގައި ގެނެސްދިން "ފްރީ ޑެލިވަރީ" ގެ މުހިއްމު ރޯލުތަކެއް ކުޅުނު ތާތި އާދަމާއި އަހުމަދު ޝާރިފާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ.

ތާތި އަކީ އިފްނާޒްގެ އަންހެނުންނެވެ.

"ލޯބިން" ގެ ކާސްޓުން ފަސްޓްލުކުން ފެންނަ ގޮތުގައި ފިލްމުގައި ނުޒޫ ފެންނާނީ ބުރުގާ އެޅި ކެރެކްޓާއަކުންނެވެ.

މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ މި ފިލްމަކީ އިއްލެގެ އައި ފިލްމްސް އާއި އިންޑިޖީނިއަސް ވިޝުއަލް ފެކްޓްރީ އާއި ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމެކެވެ.

"ލޯބިން" އަކީ އިއްލެ ލިޔެ، ޑައިރެކްޓްކުރާ ފަސް ވަނަ ފީޗާ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އިފްނާޒް ވެސް ޑައިރެކްޝަންގައި ހިއްސާވެގެން މިދިޔަ އަހަރު ގެނެސްދިން ބިރުވެރި ފިލްމު "ކަންބަޅި" އެވެ. "ލޯބިން" އަކީ އިއްލެގެ ފުރަތަމަ ލޯބީގެ ފިލްމެވެ.