ގދ. އަތޮޅުގެ ދެ ރަށެއްގެ ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ހަރަކާތެއް ފުލުހުން ފަށައިފި އެވެ.
މި މަހުގެ 14 އިން ފެށިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ މަޑަވެއްޔާއި ހޯނޑެއްދޫގައެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތުގައި، ދެ ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއި، އިސްރަށްވެހިންނާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ވިޔަފާރިވެރިންނާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވަމުންދާނެ އެވެ. އެގޮތުން، ރަށުގެ ކުށުގެ ވެށީގެ ހާލަތާއި ކުށް މަދުކުރުމަށް ރައްޔިތުންނާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އަދި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ވެސް އޮޅުން ފިލުވާނެ އެވެ.
ފުލުހުން ބުނީ މި ހަރަކާތުގެ ސަބަބުން، ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައިދީ، ރައްޔިތުންނަށް އިތުބާރު ކުރެވޭ ހިދުމަތެއް ފޯރުކޮށް ދިނުމާއެކު ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ކުށުގެ ބިރުވެރިކަން އޮތް މިންވަރު ދެނެގަނެ، ފުލުހުން އިތުރަށް މަސަައްކަތްކުރަންވީ ގޮތް ދެނެގަނެވޭނެ ކަމަށެވެ.