Last Updated: May 21, 10:54
Wednesday, May 21, 2025
ޚަބަރު

މަރަދޫ ގޭދޮށު މަސްޕްލާންޓް އަލުން ބީލަމަށް

މަރަދޫ ގޭދޮށު މަސްޕްލާންޓްގެ ބިންގާ އަޅަން އެޕްރީލް 6، 2021 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އައްޑޫ މަރަދޫގައި މީގެ ހަތަރު އަހަރު ކުރިން ބިންގާ އެޅި ގޭދޮށު މަސްޕްލާންޓް ތަރައްގީކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި އޮތީ މަސްޕްލާންޓް ޑިޒައިންކޮށް، ގާއިމުކޮށް ހިންގާ އުސޫލުން ކަމަށެވެ. އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބީލަމުގައި ރަޖިސްޓްރީވެވޭނީ މިއަދުން ފެށިގެން މި މަހުގެ 27 އާ ހަމައަށެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 49،000ރ. ހުށަހަޅަން ވެސް ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

ކައުންސިލުން ބުނީ މަރަދޫ ގޭދޮށު މަސްޕްލާންޓް ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގައި އޮންނާ ކަމަށެވެ.

ރާއްޖޭގައި ގޭދޮށު މަސްޕްލާންޓްތައް ގާއިމު ކުރުމުގެ މަޝްރޫއަކީ މިދިޔަަ ސަރުކާރުން އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް (އެޗްއައިސީޑީޕީ) އެހީގައި އިއުލާންކޮށްފައި އޮތް މަޝްރޫއެކެވެ. އެގޮތުން އައްޑޫގެ ތިން އަވަށެއްގައި މަސް ޕްލާންޓް ހަދަން އޮތީ ނިންމައިފަ އެވެ. އެއީ މަރަދު އާއި ހުޅުދޫގެ އިތުރުން ހިތަދު އެވެ.

މަރަދޫ ގޭދޮށު މަސްޕްލާންޓް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލި އިރު، އެ އަވަށުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް އޮތީ އެޕްރީލް 6، 2021 ގައި ފަށައިފަ އެވެ. އޭރު އެ މަސަައްކަތާ ހަވާލުވެފައި އޮތީ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެކެވެ. އަދި މަޝްރޫޢަށް 6،000،000ރ. ޚަރަދު ކުރުމަށް ހަމަޖެހިފައި އޮތީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނެވެ. ޕްރޮޖެކްޓަކަށް ޓްރައިޑެންޓުން 22،100،000ރ. އިންވެސްޓް ކުރާނެ ކަމަށް އޭރު ބުނެފައިވެ އެވެ.

މަސްޕްލާންޓް ހަދާ ބިން ހަވާލު ކުރުމުގެ ތެރެއިން.

މަރަދޫ ގޭދޮށު މަސްޕްލާންޓް ހަދަން ޓްރައިޑެންޓްއާ ކައުންސިލުން ބިން ހަވާލުކުރީ ސެޕްޓެމްބަރު 10، 2020 ގަ އެވެ. ބިން ދިނުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ. ޓްރިޑެންޓް ފަރާތުން ސޮއިކުރެއްވީ އިބްރާހިމް ޝަހްނީޒެވެ.