ރ. ފައިނު ކައުންސިލުން އެ ރަށު ސްކޫލްގައި ޑިޖިޓަލް ލާނިން ސެންޓަރެއް ގާއިމުކޮށް ދީފި އެވެ.
ކައުންސިލުން ބުނީ މިއީ ޑިޖިޓަލް ލާނިންގެ ދާއިރާއިން ފައިނު ސްކޫލްގެ ދަރިވަރުންނަށް ފުރުސަތުތައް ހޯދައިދީ ޒަމާނީ ޓެކްނޮލޮޖީ އަށް ލޯ ހުޅުވައިދީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގެ ދާއިރާއިން ދަރިވަރުންނަށް ތައުލީމު އުނގަންނައި ދިނުމުގެ މަގުސަދުގައި ކައުންސިލުން އިސްނަގައިގެން ގާއިމުކޮށް ދިން ސެންޓަރެއް ކަމަށެވެ.
އިއްޔެ އެ ސެންޓަރު ހުޅުވީ "ހުސައިން ޒަކަރިއްޔާ ޑިޖިޓަލް ލާނިން ސެންޓާ" ގެ ނަމުގަ އެވެ. ސެންޓަރު ހުޅުވައި ދެއްވީ ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފެވެ.
ކައުންސިލުން ބުނީ ސެންޓަރަށް މަރުހޫމް ހުސައިން ޒަކަރިއްޔާގެ ނަން ދިނީ ފައިނުގެ ތައުލީމަށް އޭނަ ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ޑިޖިޓަލް ސެންޓަރު ގާއިމުކުރަން ހުސައިން ޒަކަރިއްޔާގެ އާއިލާގެ ފަރާތުން ވެސް ވަނީ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ފައިނު ކައުންސިލުން ބުންޏެވެ.
ކައުންސިލުން ގާއިމުކޮށް ދިން ޑިޖިޓަލް ލާނިން ސެންޓަރާ ގުޅިގެން ފައިނު ސްކޫލުން ވަނީ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.