އައްޑޫގެ ޑްރަގް ޑީލަރުންގެ ބޮޑެއް ކަމަށްވާ އިބްރާހިމް ރަޝީދު (އަބުޗާ) ގެ މައްޗަށް އުމުރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އޭނަގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ހުކުމް އަބްޗާގެ މައްޗަށް އައީ ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ހިންގި ޝަރީއަތްތަކަށް ފަހު އެވެ.
ދެހާސް ވިހީގެ އޮކްޓޯބަރުގައި ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައަމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާ އެކު އަބުޗާ އަތުލައިގަތީ ކަނޑުމަތިންނެވެ. އޭރު އޭނައާ އެކު އިތުރު 17 މީހަކު ވެސް އެ ހައްޔަރުކުރި އެވެ.
އެ އޮޕަރޭޝަނުގައި އަބުޗާ ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ކަނޑުމަތިން ހުއްޓުވަން ފުލުހުން މަސައްކަތް މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކައިލި އެވެ. ނަމަވެސް ކަނޑަށް ފުންމާލައި އެ ތަކެތި ނަގައި އަބްޗާ ހައްޔަރުކުރި އެވެ.
އޭނަގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި އިރު، އަބްޗާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އޭނަގެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލިއިރު، ދައުވާތަކަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ވެސް ހެދި އެވެ. އެހެންވެ އިއުތިރާފުގެ މައްޗަށް ބަލައި، އަބްޗާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅިއިރު، އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ. އެކަމަކު އިއުތިރާފުވުމުން ދިން ލުއިގެ ތެރެއިން އުމުރު ދުވަހު ޖަލު ހުކުމް ނުވަތަ 25 އަހަރަށް ލުއިކޮށް ދިނީ އެވެ.
ނަމަވެސް އަބުޗާ ބަންދުގައި ހުންނަތާ ހަތަރު އަހަރުވެފަ ވާތީ ޖަލުގައި ދެން ހޭދަކުރަން ޖެހޭނީ 21 އަހަރެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގޮތުގައި އަބްޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް މީހާ އެވެ.