ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ރިތިކް ރޯޝަންގެ "ވޯ 2" ގެ ޓީޒާ މިއަދު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
އޮގަސްޓް މަހުގެ 14 އަށް ތާވަލުކުރި މި ފިލްމަކީ ރިތިކާއި މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. "ވޯ 2" ގެ ޓީޒާ ވެސް ގެނެސްދީފައި އޮތީ ދެ ތަރިންގެ ވަރުގަދަ ކުރިމަތިލުންންތަކެއްގެ ގިނަ މަންޒަރުތަކެއް ހިމަނައިގެންނެވެ.
މި ފިލްމަކީ "އާރްއާރްއާރް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި ތެލެގޫ ފިލްމު "ދޭވްރާ: ޕާޓް 1" އިންނެވެ.
ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ "ވޯ 2" އާ އެކު އެންޓީއާރްގެ ބޮލީވުޑްގެ ފެށުން ގެނެސްދޭ އިރު، މީގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީ އެވެ. އޭނަ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް "ބުރައްމަސްތުރާ" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" ގެ އިތުރުން "ވޭކަޕް ސިދު" ހެދި ޑައިރެކްޓަރެވެ.
ދަރުމާ އިން ބޭރަށް އަޔާން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު ވައިއާރްއެފަށް ހެދި އިރު، އޭނައާ އެއްގޮތަށް "ވޯ 2" އަކީ ބަތަލާ ކިއާރާ އަދުވާނީ ވެސް އެ ސްޓޫޑިއޯ އަށް ކުޅުނު ފުރަތަމަ ފިލްމެވެ. އަލަތު ދަރިފުޅަށް މިހާރު ބަލިވެއިން ބަތަލާ މި ފިލްމުގައި ފެންނާނީ ރިތިކްގެ ލޯބިވެރިޔާގެ ރޯލުންނެވެ.
"ވޯ 2" އަށް ގިނަ ބަޔަކު އިންތިޒާރުކުރާ ސަބަބުތަކުގެ ތެރޭގައި ރިތިކާއި ކިއާރާ ކެމިސްޓްރީ ދެކިލުން ވެސް ހިމެނެ އެވެ. ސަބަބަކީ މިއީ އެ ދެ ތަރިން އެކީގައި ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރަށްވުމެވެ.
"ވޯ 2" އަކީ ރިތިކްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ މިދިޔަ އަހަރުގެ "ފައިޓާ" ގެނެސްދިން ސިދާތު އާނަންދު 2019 ގައި ގެނެސްދިން "ވޯ" ގެ ސީކްއެލް އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގައި ރިތިކާ އެކު މުހިއްމު ރޯލުތަކެއް ޓައިގާ ޝްރޮފާއި ވާނީ ކަޕޫރް ވެސް ކުޅުނެވެ.