އައްޑޫ ގަމުގައި ހިންގަމުން މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ (އެމްއޭއޭ) އިން ހިންގާ ޕައިލެޓް ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 26 ގައި މާލޭގައި ބާއްވަން ނިންމައިފި އެވެ.
އެ ސެޝަން އޮންނާނީ މާގިރި ހޮޓަލު 9 ވަނަ ބުރީގަ އެވެ. ސެޝަން ކުރިއަށް ގެންދަން ނިންމާފައި އޮތީ 26 ވަނަ ދުވަހުގެ ހަވީރު 4:00-6:00 އަށެވެ.
އެމްއޭއޭ އަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ، އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ހިންގަމުން އަންނަ ފްލައިން ސްކޫލެކެވެ.
މި ފްލައިން ސްކޫލަކީ ގަމުގައި ކުރިން ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކް (އޭއޭއޭ) އިން ހިންގަމުން އައި ފްލައިން ސްކޫލް ހުއްޓާލަން ޖެހުމާ ގުޅިގެން 2021 ގައި އުފެއްދި ތަނެކެވެ. އެގޮތުން އެމްއޭއޭ ވުޖޫދަށް ގެނައީ އައިއޭއެސް އާއި ގައުމީ ޔުނިވަސިޓީ ގުޅިގެންނެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 14، 2021 ގަ އެވެ.
އެމްއޭއޭގެ ކޯސްތައް ހިންގަމުން އަންނަނީ މޯލްޑިވިއަނާއި ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީ ގުޅިގެންނެވެ.