Last Updated: May 22, 11:07
Thursday, May 22, 2025
ޚަބަރު

ސަރުކާރަށް ވެސް އައްޑޫ ބްރިޖް "ވާނުވާގައި"

ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތް އައްޑޫ ބްރިޖްގެ މަސައްކަތް ފެށޭނެ ތާރީހަކާއި އެ މަޝްރޫއަށް ހިނގާނެ ހަރަދެއް ވެސް ނޭނގޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން އެގޮތަށް ބުނީ ހުޅުމީދު އާއި ހިތަދޫ ގުޅައިލަން އަޅަން ނިންމާފައިވާ ބްރިޖާ ބެހޭ ތަފުސީލުތައް ހޯދުމަށް "އަދަދު" ނޫހުން ހުށަހެޅުމުންނެވެ.

އެ ނޫހުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައި އޮތީ ބްރިޖްގެ
އަމަލީ މަސައްކަތުގެ ތާރީހާއި އެ މަޝްރޫއަށް ހިންގާނެ ހަރަދުތައް ކަނޑައެޅިގެން ދާނީ އަދި ފަހުގެ މަރުހަލާއެއްގައި ކަމަށެވެ. މިނިސްޓްރީއާ ހަވާލާދީ "އަދަދު" އިން ބުނީ ބްރިޖާ ގުޅޭ ގޮތުން މިހާރު ކުރަމުން އަންނަނީ ބްރިޖު ޑިޒައިން ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.

މި ބްރިޖްގެ ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަންއާ ގުޅޭ މަސައްކަތްތަކަށް ކޮންސަލްޓަންސީ ދޭނެ ފާމެއް ހޯދަން ފުރަތަމަ އިއުލާންކުރީ މިދިޔަ މާޗް މަހުގެ 2، ގަ އެވެ. އަދި އިއުލާން ބާތިލުކޮށް ފިނޭންސުން މާޗް 18، ގައި އަލުން އިއުލާންކުރި އެވެ. އެ އިއުލާނުގެ ސުންގަޑި ހަމަވީ މިދިޔަ މަހުގެ 13 އަށެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނެފައި ވަނީ އަދިވެސް ޑިޒައިން ކޮންސަލްޓަންޓަކު ހޯދުމުގެ މަރުހަލާ ނުނިމޭ ކަމަށެވެ.

ހުޅުމީދު އާއި ހިތަދޫ ގުޅައިލަން ބްރިޖެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެ މަޝްރޫއަށް ބޭނުންވާ ސާވޭތައް ކުރުމަށް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައި އޮތީ ހަވާލުކޮށްފަ އެވެ.

އެކަމަށް މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ބަޖެޓުކޮށް ސާވޭގެ ބައެއް މަސައްކަތްތަކެއް ވެސް ކުރި އެވެ.
އެގޮތުން ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ނިންމީ މިދިޔަ އަހަރުގެ މާޗު މަހު މިނިސްޓްރީން ބުނެފައިވެ އެވެ.

އައްޑޫ ބްރިޖް ހަދަން ފައިސާ ހަމަޖެހިފައި ނުވާ އިރު، ސަރުކާރުން އިސްކަންދޭ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދަން ދާދި ފަހުން ހުޅުވައިލި އިރު ވެސް މި ބްރިޖް މަޝްރޫއެއް އޭގައި ނެތެވެ.