Last Updated: May 22, 10:26
Thursday, May 22, 2025
ޚަބަރު

މުލީ އެއާޕޯޓް މަޝްރޫއަށް 540 މިލިއަން ހަރަދުވި

މިއަދު ރަސްމީކޮށް ހުޅުވި މ. މުލީ އެއާޕޯޓް މަޝްރޫއަށް 540 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުައްޠަލިބު ވިދާޅުވެއްޖެއެވެ.

އެ އެއާޕޯޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ މުލި އެއާޕޯޓްގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދެއްވައިގެން ނިންމަވަން އެދިލެއްވި އެއާޕޯޓް ކަމަށެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި އެއާޕޯޓްގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވިފައި ވަނީ އެމްޓީސީސީގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

އޭނަ ވިދާޅުވީ މުލީ އެއާޕޯޓް މަޝްރޫއުއަށް 2014 ވަނަ އަހަރު ފެށުނު ބިން ހިއްކުމުގެ މަސައްކަތުން ފެށިގެން މިއަދު އެއާޕޯޓް ހުޅުވުމާ ހަމައަށް، 540 މިލިއަން ރުފިޔާ މި ކަމަށް ހޭދަވެދައިވާ ކަމަށެވެ.

"އެއީ އާބާދީގެ ނިސްބަތުން ބޮލަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ. ސަރުކާރުން މި ކުރި ބޮޑު އިންވެސްޓްމަންޓް ބަލައިގަނެ، އަތޮޅަށް ތަރައްޤީ ގެނައުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެދެން." މުއްޠަލިބް ވިދާޅުވި އެވެ.

މުލީ އެއާޕޯޓް ހަދަން އެމްޓީސީސީއާ ހަވާލުކުރީ ފެބްރުއަރީ، 28، 2021 ގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަ މުލީ އެއާޕޯޓަކީ 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކްކުރާނެ އޭޕްރަން ހިމެނޭ ގޮތަށް ހަދާފައިވާ އެއާޕޯޓެކެވެ. ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޓާމިނަލަކާއި، ކޮންޓްރޯލް ޓަވަރަކާއި، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ގިނަ ވަސީލަތްތައް މުލީ އެއާޕޯޓްގައި ގާއިމުކޮށްފައިވެ އެވެ.