Last Updated: May 22, 10:26
Thursday, May 22, 2025
މުނިފޫހިފިލުވުން

ޕަރޭޝް އަށް އަކްޝޭ ދައުވާ ކުރަނީ

ޝޫޓިން ފަށާފައި ވަނިކޮށް އެކްޓަރު ޕަރޭޝް ރާވަލް، "ހީރާ ޕޭރީ" ކޮމެޑީ ފްރެންޗައިޒްގެ ތިން ވަަނަ ބައިން ވަކިވެފައިވާތީ ގެއްލުމުގެ ބަދަލުގެ ހޯދަން އަކްޝޭ ކުމާރު ދައުވާ ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.

އެ ފިލްމުން ޕަރޭޝް ވަކިކިވަން ކަށަވަރުކޮށް ދިން ނަމަވެސް ވަކިވާން ޖެހުނު ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

"ހީރާ ޕޭރީ" ފްރެންޗައިޒަކީ ޕަރޭޝް އާއި އަކްޝޭގެ އިތުރުން ސުނިލް ޝެޓީ މައިގަނޑު ރޯލުތަކުގައި ހިމެނޭ އެއްޗެކެވެ. މީޑިއާތަކުން ބުނީ ޕަރޭޝް "ހީރާ ޕޭރީ 3" އިން ވަކިވީ އެ ފިލްމުން އޭނަ އަށް ދޭން ނިންމި ފީ ވެސް އެއްކޮށް ދީފައި ވަނިކޮށް ކަމަށެވެ.

ޕަރޭޝް ފިލްމުން ވަކިވާން ނިންމުމަކީ އެއްބަސްވުމާއި މަސައްކަތުގެ އަހުލާގާ ވެސް ހިލާފަށް ކޮށްފައިވާ ކަމަށްވާތީ ގެއްލުމުގެ ބަދަލަށް އޭނަގެ އަތުން 25 ކްރޯޑް ރުޕީސް ހޯދަން ކޯޓަށް ދާން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. "ހީރާ ޕޭރީ 3" އަކީ އަކްޝޭގެ ފިލްމު ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސް އަށް ޕްރިޔަދަރުޝަން ޑައިރެކްޓްކުރާ ފިލްމެކެވެ.

އަކްޝޭގެ ކުންފުނިން ޕަރޭޝް އަށް ދައުވާކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. އަނެއްކޮޅުން އަކްޝޭ އާއި ޕަރޭޝް އަކީ ވަރަށް ގާތް ދެ މީހުންނެވެ. ކުރިން ވެސް އެކީގައި އެކިއެކި ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ދެ ތަރިން އަންނަ އަހަރު ވެސް އެކީގައި ފިލްމަކުން ފެންނާނެ އެވެ.

އެއީ މި ހަފުތާގެ ކުރީކޮޅު ޝޫޓިން ނިންމައިލި ޕްރިޔަދަރުޝަންގެ ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" އިންނެވެ.

"ހީރާ ޕޭރީ" ގެ ފުރަތަމަ ބައި ގެނެސްދިނީ 2000 ވަނަ އަހަރު ޕްރިޔަދަރުޝަން ޑައިރެކްޓްކޮށެވެ. އަދި އެވެ. އަދި ދެވަނަ ބައި "ޕިރު ހީރާ ޕޭރީ" ރިލީޒްކުރީ 2006 ގަ އެވެ.