Last Updated: May 22, 09:39
Thursday, May 22, 2025
ޚަބަރު

ލިވަޕޫލްގެ ސީނިއާ ޓީމުގެ އޮފިޝަލުންތަކެއް ރާއްޖެ އަށް

އެމްއެމްޕީއާރްސީން ރާއްޖެ ޕްރޮމޯޓްކުރަން އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބާއެކު ވީ އެއްބަަސްވުމާއެކު އެ ކްލަބުގެ ސީނިއާ ޓީމުގެ އޮފިޝަލުންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.

މި ދަތުރުގައި އިސްކޮށް ތިއްބެވީ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވެލޮޕްމަންޓް އެލެކްސް ފްރޭޒާ އެވެ. މި ދަތުރުގައި ލިވަޕޫލް އެފްސީގެ ވަފުދުން ކަމާ ގުޅުން ހުރި ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި ޓޫރިޒަމްގެ ސިނާއަތުގެ އިސްވެރިންނާ އެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މި މަޝްވަރާތަކުގެ މަގުސަދަކީ އެއްބާރުލުން އިތުރުކުރުމާއި، ޓޫރިޒަމް ކުރިއެރުވުމަށް އާ ސްޓްރެޓެޖީތައް ހެދުމާއި، ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް އެހީތެރިވެ ދިނުމެވެ.

ލިވަޕޫލް އެފްސީގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް 'ވިޒިޓް މޯލްޑިވްސް' މި އަހަރު އެ ކްލަބުގެ މިޑް ސީޒަންގައި ހަމަޖެއްސި ފަހުން އެކި ކަހަލަ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި، އަންނަ އޮގަސްޓް މަހު ފަށާ 2025/26 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން އޮތީ ރާވައިފަ އެވެ. އެގޮތުން ލިވަޕޫލް އެފްސީގެ ކުޅުންތެރިން ހިމެނޭ ވީޑިއޯ ކޮންޓެންޓާއި ބައިނަލްއަގުވާމީ މުހިންމު ކެމްޕެއިނެއް އަންނަ މަހު ފަށާނެ އެވެ.