ކުޑަކުދިންނަކީ އެ ކުދިންގެ ވަށައިގެންވާ މާޙައުލުން ނުހަނު އަވަހަށް ކަންތައް ވިސްނައިގަނެ، ދަސްކޮށް އަދި ނަކަލު ކުރާ ބައެކެވެ. މީގެ ތެރޭގައި ރަގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް ވެސް ހިމެނިގެން ދެ އެވެ. އަޅުގަނޑުމެން މައިންބަފައިންގެ އެންމެ ބޮޑު އެއް ޒިންމާއަކީ އެކުދިންނަކީ މުޖުތަމަޢަށް ބޭނުން ހިފޭ، ދިރިއުޅުމުގެ ރަގަޅު ނިންމުންތައް ނިންމާ އަދި ހަރުދަނާ ކުދިބަޔަކަށް ހެދުމެވެ.
މިކަން ކުރުމަށްޓަކައި އެކުދިންގެ އެންމެ ތުއްތު އިރުސުރެ މަސައްކަތް ފަށަންޖެހެއެވެ. މިގޮތުން ދަރިފުޅުގެ ވިސްނުން ތަރައްޤީވަމުން އަންނަ މިންވަރު ބަލާ ވަޒަންކުރަމުން ދިޔުން މުހިންމެވެ. އަދި އެކަންކަމަކީ އެންމެ ތުއްތުއިރުން ފެށިގެން މަސައްކަތް ފެށިއްޖެ ނަމަ ރަނގަޅު ކުރެވިދާނެ ކަންކަމެވެ. އެހެންކަމުން ދަރިފުޅުގެ ވިސްނުން ތަރައްޤީކުރުމަށްޓަކައި އަޅުގަނޑުމެނަށް ކުރެވިދާނެ ވަރަށް ގިނަކަންކަން ހުރެ އެވެ.
ކަންކަމާ ގުޅޭގޮތުން ދަރިފުޅާ ސުވާލުކުރުން ގިނަކުރާށެވެ. ކުދިންގެ އުމުރާއި ގުޅޭ ގޮތުން ސުވާލުކުރުމަކީ ސިކުނޑި ތަރައްޤީވުމަށް އެޅޭ ވަރަށްބޮޑު ބާރެކެވެ. މިކަމުގެ ސަބަބުން ކަންކަމާ މެދު ފުންކޮށް ވިސްނައި ދެނެގަންނަން އެކުދިން މަސައްކަތްކުރެ އެވެ. މިގޮތުން 9-12 މަހުގެ ކުދިންގާތު ތަފާތު އެއްޗެތީގެ ނަން ކިޔުމަށް ފަހު އެ އެއްޗެއް ކޮބައިތޯ އެހުންފަދަ އާދައިގެ ސުވާލެއްކޮށް ލެވިދާނެއެވެ.
ކުޑަކުދިންނަކީ ވާހަކަ އަޑުއެހުމަށް ޝައުގުވެރިވާ ބަޔަކަށްވުމާއި އެކު ވާހަކަ ކިޔައިދެމުންދާ ވަގުތު ސުވާލު ކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި ވާހަކަ ނިމުމުން އެ ކުދިންނަށް ކުރެވުނީ ކޮން އިހުސާސެއްތޯ އޮޅުން ފިލުވިދާނެ އެވެ. މީގެ އިތުރުން ވާހަކައިގައި އުޅޭ މީހާ ނުވަތަ އެއްޗަކީ އެ ކުއްޖެއް ކަމަށްވާ ނަމަ ހަދާނީ ކިހިނެއްތޯ ވެސް އަހާލެވިދާނެ އެވެ.
ދަރިފުޅު ކުޅެން ގެންގުޅޭ އެއްޗިއްސަކީ ވެސް އެކުދިންގެ ވިސްނުން ރަގަޅު ކުރުމަށް އެހީވެދޭ އެއްޗިއްސަށް ހެދުން ވަރަށް މުހިންމެވެ. އެގޮތުން “ޕަޒްލް” ނުވަތަ “ލެގޯ” ފަދަ ކުޅޭ ތަކެތި ކުޅެން ފުރުޞަތު ދިނުމަކީ ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ. އެފަދަ ތަކެއްޗަކީ ކުޅުމުގެ ތެރޭގައި ވިސްނުން ވަރަށް ބޮޑަށް ބޭނުން ކުރަން ޖެހޭ ތަކެއްޗެވެ. އެއިން ތަފާތު އެކި އެއްޗެތި އީޖާދުކޮށް ރާވައި ހެދުމުން އެކުދިންގެ ވިސްނުމުގައި އުފެއްދުންތެރި އެތަކެއް ޚިޔާލެއް އުފެދުމަށް ފުރުޞަތު ލިބިގެން ދެ އެވެ.
އަޅުގަނޑުމެނަށް ބައެއް ފަހަރު އަޅާނުލާ ދޫކޮށްލެވޭ އެހެން ނަމަވެސް ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ކުދިން ކުރާ ބައެއް ސުވާލުތަކަށް ޖަވާބު ނުދީ އަޅާނުލުމެވެ. ޙަޤީގަތުގައި ކުދިން ސުވާލުކޮށް ކަންކަން އޮޅުން ފިލުވަން މަސައްކަތް ކުރުމަކީ އެ ކުދިން ކަންކަމާ މެދު ވިސްނާކަމުގެ ހެއްކެކެވެ. އެހެންކަމުން އެކަމަށް ބާރު އަޅައި އެކަށީގެންވާ ޖަވާބު ދިނުން ވަރަށް މުހިންމެވެ. އަދި ގިނަގިނައިން ސުވާލު ކުރުމަށް ހިތްވަރު ދިނުމަކީ ކުރުން ވަރަށް ރަނގަޅު ކަމެކެވެ.
ޖުމްލަކޮށް ދަރިފުޅުގެ ވިސްނުން ތަރައްޤީވަމުން އަންނަ ގޮތާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެ އެވެ. އަދި އެކަންކަމުގައި ކުޑަވެސް ޝައްކެއްވާ ނަމަ ކަމުގެ މާހިރުންގެ އަރިހުން ލަފަ އާއި، އިރުޝާދު ހޯދުން ވަރަށް މުހިންމެވެ.
މަސްދަރު: މޭލުގާ