Last Updated: May 22, 10:26
Thursday, May 22, 2025
ޚަބަރު

'އޮޅު ހިޔާ' ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ބުޅާތަކަށް ހާއްސަކޮށްގެން ހެދި "އޮޅު ހިޔާ" ގެ ބައެއް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާ ގުޅިގެން ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

މިނިސްޓްރީން ބުނީ ބަޔަކު ހޯދަނީ 'އޮޅުހިޔާ' ގެ ޝެލްޓަ ބައި ހިންގަން ކަމަށާއި އެއީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހު ހެނދުނު 1:00 ގައި މިނިސްޓްރީގައި އޮންނާނެ އެވެ.

މިނިސްޓްރީން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 3339282 އަދި 3339279 އިން ހޯދޭނެ އެވެ.

ބުޅާތައް ބަލަހައްޓަމުން އަންނަ "އޮޅު ހިޔާ" އަކީ މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހުޅުމާލޭގެ ފޭސް ދޭއްގައި މިނިސްޓްރީން ހެދި ތަނެކެވެ. އެތަން ކުރިން ހިންގާ ގޮތަށް ވެސް އޮތީ ކައުންސިލުންނެވެ. ނަމަވެސް ކައުންސިލުން އެކަމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބުނެ މިނިސްޓްރީ އަށް ވަނީ ތަން އަތުލައިފަ އެވެ.

މިނިސްޓްރީން ބުނީ މިހާރު 'އޮޅު ހިޔާ' ގައި 30 ބުޅާ ބަލައްޓަމުން އަންނަ ކަމަށެވެ. އެތަނަށް ބުޅާތައް ގެންދަން ފެށީ މި އަހަރުގެ ފެބްރުއަރީގަ އެވެ.

"އޮޅު ހިޔާ" އަކީ މާލޭގެ މަގުތައްމަތީގައި ބުޅާތައް ގިނަވެ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ދިމާވަމުންދާތީ އެކަށޭނެ ހައްލެއް ހޯދަން ހެދި ތަނެކެވެ.