މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ގެ މަތިންދާބޯޓެއް މިއަދު ޖައްސައިފި އެވެ.
މާފަރު އެއާޕޯޓުގައި ބޮއިން 777 ޖެއްސުމަކީ، އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެކެވެ. މީގެ ތެރޭގައި ރަންވޭގެ ގާބިލުކަން ޓެސްޓުކުރުމާއި ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތަކާއި ނެވިގޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނެ އެވެ.
މާފަރު އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ވަނީ ބޮޑެތި އަޕްގްރޭޑްތަކެއް ގެނެވިފަ އެވެ. މީގެ ތެރޭގައި ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ އިންނެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ޑިސެމްބަރު 1، 2019 ގައި ހުޅުވި އެއާޕޯޓެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ އެއާޕޯޓެކެވެ.