ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މ. މުލީގައި މިއަދު އެއާޕޯޓެއް ހުޅުވާފައިވާއިރު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވަންޖެހޭ ކަމަށާއި އެކަމަކު ގިނަ ރަށްރަށުގައި އެއާޕޯޓު އެޅުމަކީ ގޯހެއް ކަމަށެވެ.
"ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީި ކޮންމެހެން ބޭނުންތެރި ކަމެއް. އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް،" ނަޝީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް ކަމަށާއި އަދި ގދ. ތިނަދޫގައި އެއާޕޯޓެއް އެޅުން ވެސް ވާނީ ގޯހަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރ. ފައިނުގައި ވެސް އެއާޕޯޓު އެޅުން ރަނގަޅު ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމަނައިގެން ރާއްޖޭގައި މިހާރު 20 އެއާޕޯޓެއް އޮޕަރޭޓު ކުރެ އެވެ.