ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ 300އަށް ވުރެ ގިނަ މަޝްރޫއުގައި ސަރުކާރުން ސޮއިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މ. މުލީގައި ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުގައި ފަށާފައި ހުއްޓިފައިވާ ގިނަ މަޝްރޫއުތަކެއް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި އެގޮތުން މިހާރުވެސް 390 މަޝްރޫއެއްގައި ސޮއިކުރައްވައިފައިވާ ކަމަށެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއެވެ.
"ވަރަށް ގާތުން ސަރުކާރުގެ ހުރިހާ އިދާރާއަކުން ގުޅިގެން މި މަސައްކަތްތައް މި ތަރުތީބު ކުރަނީ، އަވަހަށް ފެށުމަށް،" ރައީސް ވިދާޅުވި އެވެ.
ރަށްރަށުގައި ގާއިމްވެފައި ނުވަތަ މޮބިލައިޒްވެފައި އޮތް ކުންފުނިތަކާ އެ ރަށެއްގެ މަޝްރޫއުތައް ހަވާލުކުރައްވަމުން ގެންދަވާ ކަމަށާއި، މިގޮތަށް މަސައްކަތް ކުރައްވަނީ ޚަރަދު ކުޑަކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުއްޓިފައި ހުރި އިތުރު 20 މަޝްރޫއެއްގައިވެސް، އަމިއްލަ ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، ސަރުކާރުން ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ކުރިއަށް އޮތް ދެ މަހާ ހަމައަށް 700 ނުވަތަ 800 މަޝްރޫއު ކުންފުނިތަކާ ހަވާލުކުރައްވާނެ ކަމަށާއި އަދި މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.