ސިއްހީ ވަސީލަތްތައް ހަރުދަނާކުރުމަށް ރާއްޖެއާއި ތައިލެންޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. އަދި، ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޭޝް-އިސް ކައުތޯންގ އެވެ.
ރާއްޖޭގައި ދެމުންގެންދާ ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުމަށާއި، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސަރޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެކަމަށް ސިއްހީ ވުޒާރާއިން ވަނީ މައުލޫމާތު ދީފަ އެވެ.
މީގެއިތުރުންވެސް، ސިއްހީ ދާއިރާ ކުރިއެރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންއަށް ތައިލޭންޑުގެ އެހީތެރިކަން ލިބިގެންދާނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނަރޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ. މީގެއިތުރުން، ތައިލެންޑުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަމުންދާ ޒަމާންވީ އެއްބާރުލުމާއި ތަޖުރިބާއަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ. އެގޮތުން ޕްރައިމަރީ ހެލްތު ކެއާ، ކެޕޭސިޓީ ބިލްޑިން، ޕޮލިސީ ރިސާޗް، އެކަޑަމިކް އެކްސްޗޭންޖް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން ނާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.