Last Updated: May 22, 10:48
Thursday, May 22, 2025
ޚަބަރު

ރާއްޖެ-އީޔޫގެ ގުޅުން އިތުރަށް ހަރުދަނާ ކުރަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ، ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސުލާ ވޮން ޑާ ލެޔެން އަށް މިއަދު އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރަސްލްސް ގައި ހުންނަ ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގަ އެވެ.

ފަތްކޮޅުއެރުވުމަށްފަހު ގީލާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އުރްސުލާ ވޮން ޑާ ލެޔެން އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެރުވި ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމާ ގީލާ ހަވާލުވެވަޑައިގަތުމުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް މަރުހަބާ ވިދާޅުވި ކަމަށެވެ.

އަދި ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ޔޫރަޕިއަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.