ޔޫރޮޕާ ލީގު ތަށްޓާއެކު މެންޗެސްޓާ ޔުނައިޓެޑާ މެދު މީހުން ދެކޭގޮތް ތަފާތުވާނެ ކަމަށް އެޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ޔޫރޮޕާ ލީގުގެ ފައިނަލްގައި ޔުނައިޓެޑުން މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ނިކުންނައިރު، މި ސީޒަނުގައި ޔުނައިޓެޑްގެ ފަރާތުން ފެނިފައިވަނީ ދަށް ނަތީޖާތަކެކެވެ. އެގޮތުން ޕްރިމިއާ ލީގުގައި ބާކީ އެއް މެޗު އޮތްއިރު، ޔުނައިޓެޑް އޮތީ ލީގުގެ 16 ވަނައިގަ އެވެ. ފައިނަލްގައި ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ ޓޮޓެންހަމް އޮތީ ލީގުގެ 17 ވަނައިގަ އެވެ.
މިރޭގެ ފައިނަލުން މޮޅުވާ ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭނެ އެވެ.
މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އަމޯރިމް ބުނީ ޔޫރަޕްގެ ތަށްޓެއް ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މި ތަށްޓާއެކު މީހުން ޔުނައިޓެޑާއި މެދު ދެކޭގޮތް ވެސް ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޗެމްޕިއަންސް ލީގާއި ނުލައި ވެސް ޔުނައިޓެޑަށް ފައިސާ ލިބޭނެ ކަމަށާއި ނަމަވެސް ޔޫރަޕްގެ ތަށްޓެއް ކާމިޔާބު ކުރެވުމުން ކުރިމަގަށް ޓީމު ބިނާކުރަން އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އަމޯރިމް ބުންޏެވެ.
ޔުނައިޓެޑްގައި ބަދަލުކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކުރަމުން އަމޯރިމް ވަނީ މިއީ ހަމައެކަނި ތަށްޓަކުން ހައްލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ބުނެފަ އެވެ. ނަމަވެސް ތަށްޓަކާއެކު ޔުނައިޓެޑް ކުރިން އޮތް ހިސާބަށް ގެންދިޔުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށާއި މިރޭގެ މެޗަކީ މުޅި ކްލަބަށް ވެސް ބޮޑު މެޗެއް ކަމަށްވެސް އޭނާ ބުންޏެވެ.
ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.