ފަލަސްތީނުގެ ގާޒާއިން 300 އަށް ވުރެ ގިނަ މީހުން ބަނޑަށް މަރުވެއްޖެ އެވެ.
ގާޒާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ބޯޑަރުތައް ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގާޒާއަށް ކާބޯތަކެއްޗާއި ސިއްހީ ސާމާނު ފަދަ ތަކެތި ނުވެއްދި 80 ދުވަސް ވެގެންދިޔައިރު، މިކަމުގެ ސަބަބުން 326 މީހުން ބަނޑަށް މަރުވެފައިވާ ކަމަށެވެ. އެމީހުން މަރުވެފައިވަނީ ކާބޯތަކެތި އަދި ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން ކަމަށް ބަޔާނުގައިވެ އެވެ.
އަދި މި މުއްދަތުގެ ތެރޭގައި ބަނޑަށް ދަރި މަރުވުމުގެ 300 އަށް ވުރެ ގިނަ ކޭސް ވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އިޒްރޭލުގެ ފިޔަވަޅުތަކުގެ ސަބަބުން ގާޒާގައި އޮތް އިންސާނީ ކާރިސާގެ ހާލަތު މިއަށް ވުރެ ވެސް ގޯސްވެގެން ހިނގައިދާނެ ކަމަށާއި ގާޒާގައި ތިބި 2.4 މިލިއަން މީހުންގެ ބޭނުންތައް ފުއްދުމަށް ދުވާލަކު 44،000 ޓްރަކުގެ އެހީ ގާޒާއަށް ވަންނަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
އިޒްރޭލު ސިފައިން ގާޒާއަށް އެއްގަމުން މަގުން އަރައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ފާއިތުވި ފަސް ދުވަސްތެރޭ ގާޒާއިން ގާތްގަނޑަކަށް 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މި އޮޕަރޭޝަން ހުއްޓާލައި ގާޒާއަށް އިންސާނީ އެހީތެރިކަން ވައްދަން އަޅާފައިވާ ހުރަސްތައް ނައްތާލަން ގައުމުތަކުން އަންނަނީ އިޒްރޭލަށް ގޮވާލަމުންނެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 53،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.