Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހައި ކޯޓުން ކަނޑައެޅީ އަކްބަރު ޑްރަގް އެތެރެކުރި ކަމަށް

ޝަހްސު އޮޅުވާލައި އަންހެނަކަށް ހެދިގެން މަސްތުވާތަކެތި އެތެރެކުރި މީހަކަށް ދަށު ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުން ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފަ އެވެ.

އެ ހުކުމް އައިސްފައި ވަނީ އައްޑޫ ހިތަދޫ، ދުގެތިމާގޭ އަކްބަރު ހަސަންގެ މައްޗަށެވެ. އޭނަގެ މައްޗަށް ކުށް ސާބިތުވީ ޝަހުސު އޮޅުވާލައިގެން ފޮތްފޮށިގަނޑެއް ތެރޭގައި 198 ގްރާމްގެ ޑްރަގް އެތެރެކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި ދައުވާއާ ގުޅިގެންނެވެ.

އަކްބަރު އަތުލައިގަތީ ހަލީމަތު އުލްފާ ކިޔާ އަންހެނަކަށް ހެދިގެން، ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ޝައްކުކުރެވޭ އެއްޗެއްހުރި ކަން ކަސްޓަމަށް ފާހަގަވުމުން، އެކަން ފުލުހުންނަށް އެންގުމަށްފަހު ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިންނެވެ.

އެކަމާ ގުޅިގެން ކުރިން ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މަސްތުވާތަކެތީގެ ގާނޫނާ ހިލާފަށް، ޑްރަގް ކަމަށް ޝައްކުކުރެވޭ ޕާރުސަލް ކެނޑުމަށްފަހު، އެތަކެތި ފުލުހާ ހަވާލުނުކޮށް، އެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރުމުންނެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން ކުރީ 2022 ގެ ކުރީކޮޅު އެވެ.

އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އިއްޔެ އެ ކޯޓުން ވަނީ މައްސަލަ ސާބިތުވާ ކަމަށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި އަދި އަދަބެއް ކަނޑައެއް ނާޅަ އެވެ.

ކުށް ސާބިތުވާކަމަށް ކަނޑައެޅުމާއެކު، 10 ދުވަހަށް އަކްބަރު ވަނީ ބަންދުކޮށްފަ އެވެ.

ހައި ކޯޓުން ވަނީ 10 ދުވަހުގެ ތެރޭގައި އަދަބާ މެދު ވާހަކަ ދެއްކުމަށް ޝަރީއަތެއް ބާއްވައި އަދަބު ކަނޑައަޅައި ހުކުމް ކުރާނެ ކަމަށް ބުނެފަ އެވެ.