Last Updated: May 22, 10:26
Thursday, May 22, 2025
ޚަބަރު

ބަޖެޓް ސާޕްލަސް 3.3 ބިލިއަން ރުފިޔާގައި

މި އަހަރުގެ މިހާތަނަށް އައި އިރު، ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް 3.3 ބިލިއަން ރުފިޔާ އަށް އަރާފައިވަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ޓެކްހާއި ޓެކްސް ނޫން އާމްދަނީ ހިމެނޭހެން، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ނިމިގެން ދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު 5.5 ޕަސެންޓް އިތުރު ކަމަށެވެ.

މި މަހުގެ 15 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީ އާއި ޚަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހުފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 11.2 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 36.3 ޕަސެންޓް މި މަހުގެ 15 ގެ ނިޔަލަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ 26.3 ޕަސެންޓެވެ.

މިއާއެކު، ދައުލަތުން ކޮށްފައިވާ ޖުމުލަ ޚަރަދު ވަނީ، ނިމިގެން ދިޔަ އަހަރާ އަޅައިބަލާއިރު 20.3 ޕަސެންޓް ދަށްވެފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. މި މަހުގެ 15 ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ޚަރަދުކޮށްފައި ވަނީ 16.2 ބިލިއަން ރުފިޔާ އެވެ.

އެހެންވެ ބަޖެޓްގެ އޯވަރޯލް ސާޕްލަސް މިހާރު ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓްގެ ބެލެންސް ހުރީ 2.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.