އއ. މަތިވެރީގައި ޤުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 50،000ރ. ރުފިޔާ އިނާމެއްގެ ގޮތުގައި ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
މަތިވެރީ ކައުންސިލްގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މިއީ ރަށުގައި ޤުރުއާން ކިޔެވުމުގެ ރޫޙު ދިރުވައި އާލާކޮށް، ހާފިޒުން އުފެއްދުމަށް ރަށުގެ ތަރައްގީގެ ޕްލޭނުގައި ވެސް އެކަން ހިމަނާފައިވާ ކަމެއް ކަމަށެވެ.
އޭނަ ވިދާޅުވި ގޮތުގައި ޤުރުއާބް ހިދުތަސްކުރާ ކޮންމެ ކުއްޖަކަށް ބައި ލައްކަ ރުފިޔާ ދޭން ނިންމީ އެކަމަށް ހިތްވަރު ދީ ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
އަސްލަމް ވިދާޅުވީ އަދި މިހާތަނަށް މަތިވެރީފައި ހާފިޒެއް ނެތް ނަމަވެސް ދެ ކުއްޖަކު ހާފިޒުކަމުގެ އެންމެ ފަހު މަރުހަލާގައި މިހާރު އެބަތިބި ކަމަށެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ޚާފިޒުން އުފެއްދުމަށް ސަރުކާރުން އަމާޒު ހިފާފައިވާތީ އިސްލާމިކް މިނިސްޓްރީން އަންނަނީ މިކަމަށް ހާއްސަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ޤުރުއާން ހިތުދަސްކޮށް އަމިއްލަ ކްލާސްތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ވެސް ދޭން ނިންމާފައިވެ އެވެ.