Last Updated: May 22, 11:07
Thursday, May 22, 2025
މުނިފޫހިފިލުވުން

އެންމެ ފަހުން 'ކިންގް' ގެ ޝޫޓިން ފަށައިފި

ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ޝޫޓިން މުމްބާއީގައި މިއަދު ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

ޝޫޓިން ފެށުން އެކި ފަހަރު މަތިން ލަސްވަމުން ގޮސްފައިވާ މި ފިލްމުގެ ޝޫޓިން މިއަދު ފެށި އިރު، ޑައިރެކްޓަރު ސިދާތު އާނަންތު "ޓުމޯރޯ" ލިޔެފައި އޮތް އެކްސްގައި ރޭ ކުރި ޕޯސްޓަކުން ވެސް ޝޫޓިން މިއަދު ފަށާނެކަމުގެ އިޝާރާތެއް އޮތީ ދީފަ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "ކިންގް" ގެ ޝޫޓިން މިއަދު ފެށި، އިރު ޝާހްރުކް އަދި ކްރޫއާ ނުގުޅޭ ކަމަށާއި އޭނަ ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން އަށް ނުކުންނާނެ ކަމަށެވެ. މި ފިލްމުގައި އޭނަގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވަރަށް މުހިއްމު ރޯލެއް ކުޅޭ އިރު، މާދަމާ އަކީ އޭނަގެ 23 ވަނަ އުފަން ދުވަހަށްވާތީ، އެކަމާ ގުޅުވައިގެން ސުހާނާގެ ފަސްޓްލުކް ދައްކައިލާނެކަމުގެ އުންމީދު ވެސް ބޮޑު ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

"ކިންގް" އަކީ ސުހާނާގެ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2023 ގެ "ދި އާޗީސް" އެވެ.

ބޮޑު ބަޖެޓަކުން އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ކިންގް" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި އަބީޝެކް ބައްޗަނާއި ރާނީ މުކަރްޖީ އާއި އަނިލް ކަޕޫރާއި އަރުޝަދު ވަރްސީ އާއި ޖެކީ ޝްރޮފްގެ އިތުރުން ޒުވާން އެކްޓަރު އަބޭ ވަރުމާ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފިލްމަކީ ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ. "ކިންގް" ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރު އެވެ.

ޝާހްރުކާ އެކު ސިދާތު ގެނެސްދިން ފުރަތަމަ ފިލްމަކީ 2023 ގެ "ޕަތާން" އެވެ. އަދި އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިތިކް ރޯޝަނާއި ދީޕިކާއާ އެކު ގެނެސްދިން "ފައިޓާ" އެވެ.