Last Updated: May 22, 11:07
Thursday, May 22, 2025
ޚަބަރު

މަރަދޫ ކޯޓް ހިންގަން އިމާރާތެއް ހޯދަނީ

މަރަދޫ ކޯޓް މިހާރު ހިންގަމުން އަންނަ އިމާރާތް. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ މަރަދޫ މެޖިސްޓްރޭޓް ކޯޓް ހިންގާނެ އިމާރާތެއް ކުއްޔަށް ހޯދަން އިއުލާންކޮށްފި އެވެ.

ދެހާސް ބާވީހުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ކޯޓް ހިންގަން އިމާރާތެއް ހޯދަން އިއުލާންކުރި އެވެ. މަރަދޫ މެޖިސްޓްރޭޓް ކޯޓް 2018 އިން ފެށިގެން ހިންގަމުން އަންނަނީ އެ އަވަށު ސްކޫލް ކައިރީގައި ހުންނަ ކުލީ އިމާރާތެއްގަ އެވެ.

ކޯޓް ހިންގަން އަލުން އިމާރާތެއް ހޯދަން އިއުލާންކޮށް ބުނީ ކުއްޔަށް ތަނެއް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ މައުލޫމާތު ޝިޓާއި އެހެނިހެން މައުލޫމާތު މަރަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ކޯޓުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މަރަދޫ މެޖިސްޓްރޭޓް ކޯޓަކީ އައްޑޫގައި ފެބްރުއަރީ 8، 2012 ހިންގި "ބޮޑު ހުޅު" ހާދިސާގައި އަންދާލި ކޯޓްތަކުގެ ތެރެއިން އެއް ކޯޓެވެ.

އޭގެ ފަހުން އެ ކޯޓް 2018 އާ ހަމައަށް ވަގުތީ ގޮތުން ހިންގަމުން އައީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގަ އެވެ.