Last Updated: May 22, 09:22
Thursday, May 22, 2025
ދުނިޔެ

ކުއްތާގެ އަޑަށް އުނދަގޫވެގެން ދޫކޮށްލީ ހަރުފަތަކެއް!

ތައިލޭންޑްގެ ބެންކޮކްގެ ކޮންޑޯއެެއްގެ އެޕާޓްމަންޓްގައި ދިިރިއުޅޭ މީހަކު އޭނަގެ އަވައްޓެރިޔާގެ އެޕާޓްމަންޓްގައި ގެންގުޅޭ ކުއްތާގެ އަޑުގެ އުނދަގުލާ ހެދި އެތައް ދުވަހެއް ވަންދެން އެކަމުގެ ޝަކުވާ ކުރުމުން ވެސް އެކަން ހައްލުކޮށް ނުދިނުމުން ދިރިއުޅޭ އެޕާޓްމަންޓް ހުންނަ ކޮރިޑޯ އަށް ހަރުފަތަކެއް ދޫކޮށްލައިފި އެވެ.

އަވައްޓެރިއަކު އެޕާޓްމަންޓްގައި ކުއްތާއެއް ގެންގުޅެނީ ކޮންޑޯގައި ޕެޓުން ގެންގުޅުން މަނާ ވެސް ކޮށްފައި ވަނިކޮށެވެ.

އެހެންވެ އަވައްޓެރިއެއްގެ ކުއްތާގެ އަޑާ ހެދި އުނދަގޫވެގެން ޝަކުވާ ކުރަމުން ދިޔަ މީހާ ވަނީ ކޮރިޑޯ އަށް ދޫކޮށްލައި އެ މަންޒަރ ފެންނަ ވީޑިއޯ ފޭސްބުކްގައި ޕޯސްޓް ވެސް ކޮށްފަ އެވެ. އަދި ކޮންޑޯގައި އުޅޭ އަވައްޓެރިން އުޅޭ ޗެޓް ގްރޫޕަކަށް އޭނަ ފޮނުވި މެސެޖެއްގައި ބުނީ ފުރަތަމަ ދޫކޮށްލީ ދޭތި ކަމަށް ވިޔަސް އިތުރު ހަރުފަތަކެއް ގެނެސް ދޫކޮށްލާނެ ކަމަށެވެ.

"އެހެންވީމާ އަހަރެން ޕެޓްތަކާ އެކު ކަލޭމެންގެ ކުއްތަކާއި ބުޅާތައް ކުޅެން އެދޭ ނަމަ މިތަނަށް ގެނޭ،" އެ މީހާ ބުންޏެވެ. "އޭރުން އަހަރެންގެ ޕެޓްތައް ކަލޭމެންގެ ޕެޓްތައް ދެކެ ކިހާ ލޯބިވާކަން އެނގޭނެ."

އެ މީހާ ބުނީ ކޮންޑޯ އަށް ހަރުފަތަކެއް ދޫކޮށްލީ އޭނަ އަށް ވާ އުނދަލުގެ ޝަކުވާ އެ ކޮންޑޯ މެނޭޖްކުރާ ފަރާތުގައި ވެސް އެތައް ފަހަރެއްގެ މަތިން ހިއްސާ ކުރުމުން ވެސް އެއްވެސް ހައްލެއް ހޯދައި ދީފައި ނުވާތީ ކަމަށެވެ.

ނަމަވެސް އޭނަ ކޮރިޑޯ އަށް ހަރުފަތަކެއް ދޫކޮށްލުމާ ގުޅިގެން މެނޭޖްމަންޓުން މިހާރު ވަނީ ކުއްތާ ގެންގުޅޭ މީހާ 10،000 ބާތު (396 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ. އަދި ޝަކުވާކުރި މީހާ ދޫކުރި ހަރުފަތައް ނަގައި ބޭރު ކުރަން އަންގާފައިވެ އެވެ.