Last Updated: May 23, 10:32
Friday, May 23, 2025
ޚަބަރު

ދުންފަތުން އާމްދަނީ ހޯދުމުގެ ވިސްނުމެއް ނެތް

ދުންފަތުގެ ބާވަތްތަކުން ދައުލަތަށް އާމްދަނީ ހޯދުމުގެ ވިސްނުމެއް ކަމަށާއި އެފަދަ ބާވަތްތަކުގެ އިންޕޯޓް ޑިއުޓީ ބޮޑުކުރީ ދުންފަތުގެ ވަބާއިން ރައްކާތެރިވުމާއި ހޭލުންތެރިކަމުގެ މަސައްކަތްތަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖެނެރޭޝަބަލް ބޭންގެ ބިލް ތަސްދީގު ކުރަން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ދުންފަތުން ޑިއުޓީ ބޮޑުކުރީ ދަޢުލަތުގެ އާމްދަނީ އިތުރުކުރުމަށް ނޫން ކަމަށާއި އެއީ އާމްދަނީއެއް ދަޢުލަތަށް ހޯދަން ބޭނުންވާ ވެސް ދާއިރާއެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ދުންފަތް އެއްކޮށް މަނާ ނުކުރާހާ ހިނދަކު، ވިޔަފާރިއަށް އެތެރެކުރާ ނަމަ އެ އާމްދަނީ ދަޢުލަތަށް ވަންނާނެ އަދި އެ އާމްދަނީ ސަރުކާރުން ހޭދަކުރާނީ، އާންމު ސިއްޙަތު ކުރިއެރުވުމާއި ދުންފަތަށް ހޭލުންތެރި ކުރުވަން ކަމަށް ވިދާޅުވި އެވެ.

"ދުންފަތުން އާމްދަނީއެއް ނުވިއްޔާ ރަނގަޅީ. އެއްކޮށް މަނާ ނުކުރާހާ ހިނދަކު ލިބޭ އެއްޗެއް އެއީ." ރައީސް ވިދާޅުވި އެވެ.

ޒުވާން ޖީލު ދުންދަފަތުން ސަލާމަތް ކުރަން މިއަދު ތަސްދީގުކުރި ޖެނެރޭޝަން ބޭންގެ ގާނޫނަށް އަމަލު ކުރަން ފަށާނީ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިިގެންނެވެ.

ރައީސް ވިދާޅުވީ އެއަށް އަމަލު ކުރަން ފަށާ އުރު އެކަމަށް ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ހުރި ކަމަށެވެ. އެގޮތުން ތަންފީޒީ އިދާރާތަކުގެ ކެޕޭސިޓީ އިތުރުމަށް ވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވި އެވެ.

"މުޅި މުޖުތަމަޢުއިން މިކަމަށް އަމިއްލައަށް ބޭނުންވެގެން ދުންފަތުގެ ވަބާއިން ދުރުވުމަށް މަސައްކަތްކުރުމުގެ ރޫހު އުފެއްދުމަށް ބޭނުން ވަނީ" ރައީސް ވިދާޅުވި އެވެ.