"ހާލު ޖެހިގެން" މި އަހަރުގެ ކުރީކޮޅު މާލެ ދޫކޮށް އަތޮޅުތެރޭގެ ރަށަކަށް ދިރިއުޅުން ބަދަލުކުރި ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އަލުން މާލެ ބަދަލުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނަ އަލުން މާލެ ބަދަލުވީ ވެމްކޯ އިން ވަޒީފާއެއް ލިބުމާ ގުޅިގެންނެވެ. އެގޮތުން ނިއުމާ ވަޒީފާ އަދާކުރަމުން އަންނަނީ ވެމްކޯގެ ކޯލް ސެންޓަރުގަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިއުމާ މާލެ ދޫކޮށް ބަދަލުވީ ފ. ނިލަންދުއަށެވެ. އޭނަ އަކީ ގދ. ވާދު އުފަން މީހެކެވެ. އޭރު އޭނަ ސޯޝަލް މީޑިއށ ޕޯސްޓްގައި ބުނީ އެތައް ޒަމާނެއް ވަންދެން އުޅެމުން އައި މާލެ ދޫކޮށް ދާން ނިންމީ އޭނަ ހާލުގައި ޖެއްސުމުން ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލަކަށް ނުގޮސް ބުނީ އެކަން ކުރި ބަޔަކާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި މާފު ވެސް ކޮށްފައިވާ ކަމަށެވެ.
ނިއުމާ، 47، އަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު ބަތަލާއިންގެ ތެރެއިން އެކެކެވެ. އޭނަ ފިލްމު ކުޅުން ހުއްޓައިލީ 2019 ގައި ރިލީޒްކުރި "ނިވައިރޯޅި" އަށް ފަހު އެވެ. ނިއުމާގެ ކެރިއަރުގެ ކުޅުނު އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ފަތިސްހަނދުވަރު" އާއި "ކަލާޔާނުލާ" އަދި "ޔޫސުފް" ހިމެނެ އެވެ.
މިދިޔަ އަހަރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެނެސްދިން ފިލްމު "ލަސްވިޔަސް" ގައި ނިއުމާގެ ދަރިފުޅު ޒޯޔާ ހަސަން، 16، މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.