Last Updated: May 23, 11:06
Friday, May 23, 2025
ޚަބަރު

އިންޑިއާގައި ޚާފިޒާއިންނަށް ހާއްސަ ޤުރުއާން މުބާރާތެއް

އިންޑިއާގައި ބާއްވާ އަންހެނުންނަށް ހާއްސަ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ރާއްޖޭގައި ޤުރުއާން ހިތުދަސް ހާފިޒާއިންނަށް ހުޅުވާލައިފި އެވެ.

ކީރީތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މި މުބާރާތަކީ އިންޑިއާގެ ހައިދަރުއާބާދުގައި ބާއްވާ "ސެކަންޑް ހޮލީ ޤުރްއާން މެމޮރައިޒޭޝަން ކޮމްޕެޓިޝަން ފޮ ވިމެން އެންޑް ގާލްސް" ކަމަށެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ކީރިތި ޤުރްއާން ހިތު ދަސްކޮށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ޙާޞިލުކޮށްފައިވާ އަންހެނުންނަށް ނުވަތަ އަންހެން ކުދިންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް ވަކި ޢުމުރެއް ކަނޑައަޅައިފައެއް ނެތެވެ.

މި މުބާރާތުގެ ކިޔެވުން އޮންނާނީ 4 ބުރަކަށެވެ.

އެގޮތުން ފުރަތަމަ އޮންނާނީ އޮންލައިންކޮށް ބާއްވާ ސްކްރީނިންގ ބުރެވެ. މި ބުރުގެ ކިޔެވުން އޮންނާނ5 އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. މިބުރުގައި ސުވާލު އަންނާނީ ކީރިތި ޤުރްއާނުގެ ފުރަތަމަ 15 ފޮތުންނެވެ. އެއަށްފަހު ދެން އޮންނާނީ އޮންލައިންކޮށް ބާއްވާ އެލިމިނޭޝަން ބުރެވެ. މި ބުރުގެ ކިޔެވުން އޮންނާނެ ތާރީޚާއި ވަގުތު މި ބުރަށް ހޮވޭ ބައިވެރިންނަށް މުބާރާތް ބާއްވާ ފަރާތުން އަންގާނެ އެވެ. މިބުރުގައި ސުވާލު އަންނާނީ މުޅި ޤުރްއާނުންނެވެ.

ސެމީ ފައިނަލް ބުރުގެ ކިޔެވުންވެސް އޮންނާނީ އޮންލައިންކޮށެވެ. އަދި ކިޔެވުން އޮންނާނެ ތާރީޚާއި ވަގުތު ސެމީ ފައިނަލަށް ހޮވޭ ބައިވެރިންނަށް މުބާރާތް ބާއްވާ ފަރާތުން އަންގާނެއެވެ. މިބުރުގައި ސުވާލު އަންނާނީ މުޅި ޤުރްއާނުންނެވެ.

ފައިނަލް ބުރުގެ ކިޔެވުން އޮންނާނީ ނޮވެންބަރު މަހުގެ ތެރޭގައި އިންޑިއާގެ ހައިދަރުއާބާދުގަ އެވެ. ސެމީ ފައިނަލުން ފައިނަލް ބުރަށް ހޮވާނީ ކޮންމެ ޤައުމަކުން ވެސް އެންމެ މޮޅު ދެ ބައިވެރިންނެވެ.

ފައިނަލަށް ހޮވޭ ދެ ބައިވެރިންނަށް ކޮންމެ ބައިވެރިޔަކާއެކު މަޙްރަމަކު ގެންދިޔުމުގެ ފުރުޞަތު މުބާރާތް ބާއްވާ ފަރާތުން ދެ އެވެ. މުބާރާތަށް ހޮވޭ ދެ ބައިވެރިންނާއި އެ ދެ ބައިވެރިންގެ މަޙްރަމުންނަށް ހައިދަރުއާބާދުގެ އެތެރޭގެ ދަތުރުތަކާއި، ހުރުމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައި ދޭނީ މުބާރާތް އިންތިޒާމުކުރާ ފަރާތުންނެވެ.

ނަމަވެސް މާލެ އިން ހައިދަރުއާބާދަށް ދިޔުމާއި އެނބުރި އައުމުގެ ޓިކެޓް ޚަރަދު ހަމަޖައްސަންޖެހެނީ ބައިވެރިން އަމިއްލައަށް ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޚާފިޒާއިންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 15 އާ ހަމައަށެވެ. ރަޖިސްޓްރީވާނީ މި ލިންކް forms.gle/NULYMMnoM3MrgHJw5 މެދުވެރިކޮށެވެ.