Last Updated: May 23, 06:09
Friday, May 23, 2025
ޚަބަރު

ދިއްގަރުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

މ.ދިއްގަރުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.

މި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ. މި ރަސްމިޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަން އަޙްމަދު އަލީ ހަބީބް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު ޝަރީފުގެ އިތުރުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު، ނ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.