ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ރާއްޖެއާއި ސައިޕްރަސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖެއާއި ސައިޕްރަސް ސަރުކާރާ ދެމެދު މި އެއްބަސްވުމުގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި، ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު މައިކަލް ދަމްޔަނޮސް އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ލިބިގެންދާނީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން، ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި، މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތްދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަން ލިބިގެންދާނެ ކަމަށް މައުލޫމާތުދެ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 18 އިންސައްތަ މީހުންނަށް ތެލެސީމިއާ ފަރުވާދެމުންދާ ކަމާއި ތެލަސީމިއާއަކީ އާންމު ޞިއްޙަތާ ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން، ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ބައިނަލްޢަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޤައުމެއްގެ ފަރާތުން ޢިބުރަތް ހާސިލުކޮށް އެފަރާތުގެ ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ޞިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ތެލެސީމިއާ ޕްރިވެންޝަން އެންޑް މެނޭޖްމަންޓާއި، ލޭ އެޅުމުގެ ޚިދުމަތާއި، ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ހިއްސާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީ އަޒާމެއް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.