ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މ. މަޑުއްވަރީގައި މިއަދު އޭޓީއެމްއެއް ހުޅުވައިފި އެވެ.
މަޑުއްވަރީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭޓީއެމް ހުޅުވައި ދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރެވެ.
އޭޓީއެމް ހުޅުވައިދެއްވުމަށް ފަހު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އަތުގައި އޮތް ކާޑު ހިފައިގެން ގޮސް ރަށުގެ އޭޓީއެމުން ފައިސާ ނެގޭނެ ގޮތް ވުމަކީ މަޑުއްވަރީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ. އަދި މި ލުއި ފަސޭހަ ލިބިގެން ދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތް ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި، މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު، ނ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.