މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަންނީ ހާއްސަ އެހީތެރިކަން ފޯރޮކޮށްދިނުމަށް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އަހުމަދު ސިއްދީގެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސައިނެވެ.
އެންޑީއޭ އިން ބުނީ މި އެއްބަސްވުމުގެ މަޤްޞަދަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑީޖޭޖޭއަށް ހުށަހެޅޭ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ކުދިންނާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ ޚާއްޞަ ފަންނީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
އަދި ޑީޖޭޖޭގެ ފަރާތުން ކުޑަކުދިން މަސްތުވާތަކެތިން ރައްކާތެރިކުރުމަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެފަދަ ޙަރަކާތްތަކުގައި ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމަކީ ވެސް މި އެއްބަސްވުމުގެ މަގުސަދެއް ކަމަށް އެންޑީއޭ އިން ބުނެ އެވެ.