Last Updated: July 22, 13:36
Wednesday, July 22, 2026
ޚަބަރު

ބްރިޖުގައި ދެ އެކްސިޑެންޓެއް، ތިން މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖް މަތީގައި ދެ އެކްސިޑެންޓް ހިނގާ، ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ބްރިޖްގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިރޭ 9:48 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލު މަޑުކުރުމުން، ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހި، ހަތަރު ސިގްނަލް ޖައްސައިގެން އޮތް ކާރެއްގައި ދެ ސައިކަލު ޖެހިގެން ކަަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން ދެވަނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑުން ބިންދައިގެން ގޮސް އިތުުރު އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ދެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ފަރުވާ ދެމުންދާއިރު، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.