Last Updated: June 17, 18:14
Tuesday, June 17, 2025
ކުޅިވަރު

ޔޫރޮޕާ ލީގު ޗެމްޕިއަންކަން ޓޮޓެންހަމުން ހޯދައިފި

ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ޔޫއެފާ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ޓޮޓެންހަމުން ހޯދައިފި އެވެ.

މިއީ 2008 ވަނަ އަހަރަށް ފަހު ޓޮޓެންހަމުން ހޯދި ފުރަތަމަ ތަށްޓެވެ. އިނގިރޭސި ޕްރިމިއާ ލީގު ދަށް ގޮތަކަށް ދިޔަ ނަމަވެސް، މި ތަށްޓާއެކު ޓޮޓެންހަމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބިގެން ގޮސްފަ އެވެ.

ފައިނަލުން ޔުނައިޓެޑް ބަލިވިއިރު މިއީ މިފަހުގެ ތާރީހެއްގައި އެޓީމު އެންމެ ދަށްކޮށް ނިންމާލަން ޖެހުނު ސީޒަނެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނައިގައި ޔުނައިޓެޑް އޮތްއިރު، މިއީ ޔުނައިޓެޑް މި ސީޒަނުގައި ބަލިވި 20 ވަނަ މެޗުކަން ފާހަގަކޮށްލެވެ އެވެ. ޔުނައިޓެޑް މީގެކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ މެޗުން ބަލިވީ 74-1973 ވަނަ ސީޒަނުގަ އެވެ. އެ ސީޒަނުގައި އެޓީމު ވަނީ 22 މެޗުން ބަލިވެފަ އެވެ.

ސްޕެއިންގައި ކުޅުނު ފައިނަލް މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 42 ވަނަ މިނެޓްގަ އެވެ. މިއީ ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން އެޓީމުގެ ފުލްބެކް ލޯކް ޝޯގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން މަސައްކަތް ކުރިއިރު، ނުރައްކާތެރި ހަމަލާތަކެއް ވެސް ޓޮޓެންހަމްގެ ގޯލަށް އެޓީމުން ފޮނުވާލާފައިވެ އެވެ. އެގޮތުން ޔުނައިޓެޑްގެ ފޯވާޑް ރަސްމުސް ހޮއިލުންޑް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވެންޑަވެން ދިފާއުކުރިއިރު، ޝޯ އަދި ގަނާޗޯ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ވިކާރިއޯ އެވެ.

ޔުނައިޓެޑުން ސީޒަނުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ލީގުގައި އަމިއްލަ ދަނޑުގައި ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ. ޓޮޓެންހަމް ބައްދަލުކުރާނީ ބްރައިޓަންއާ އެވެ.