Last Updated: June 17, 18:14
Tuesday, June 17, 2025
ދުނިޔެ

ހަމަލާތައް ހުއްޓާލެވިދާނެ، އެކަމަކު ގާޒާ ހިފާނަން

ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލެވިދާނެ ކަމަށާއި ނަމަވެސް ގާޒާ ހިފާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

އިޒްރޭލު ސިފައިން ގާޒާއަށް އެއްގަމުން މަގުން އަރައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ނަތަންޔާހޫ އިއްޔެ ބުނީ ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލައި، ރަހީނުން މިނިވަންކުރާނެ ގޮތެއް އޮތް ނަމަ އިޒްރޭލުން އެކަމަށް އިޖާބަދޭނެ ކަމަށެވެ. ހަމާސް ބަލިކުރުމުގައި މިހާރުވެސް ކާމިޔާބީތަކެއް އިޒްރޭލަށް ހޯދިފައިވާ ކަމަށާއި ހަމަލާތައް ހުއްޓާލާއިރު މުޅި ގާޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.

ގާޒާގައި އިންސާނީ ކާރިސާއެއްގެ ހާލަތު އަޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށާއި އެގޮތުން ގާޒާއަށް މިހާރުވެސް އެހީގެ 100 ޓްރަކް ވަދެފައިވާ ކަމަށް އޭނާ ބުންޏެވެ. އޭގެތެރެއިން 10 ޕަސެންޓް ހަމާސް އިން އަތުލައިގެންފައިވާ ކަމަށް ނަތަންޔާހޫ ބުނި ނަމަވެސް އޭގެ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެ އެވެ.

އިޒްރޭލުން ފަށާފައިވާ އޮޕަރޭޝަނުގެ ސަބަބުން ފާއިތުވި ފަސް ދުވަސްތެރޭ ގާޒާއިން ގާތްގަނޑަކަށް 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި އޮޕަރޭޝަން ހުއްޓާލައި ގާޒާއަށް އިންސާނީ އެހީތެރިކަން ވައްދަން އަޅާފައިވާ ހުރަސްތައް ނައްތާލަން ގައުމުތަކުން އަންނަނީ އިޒްރޭލަށް ގޮވާލަމުންނެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 53،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.