Last Updated: June 16, 18:01
Tuesday, June 17, 2025
ޚަބަރު

ޗައިނާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރަނީ

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ޗައިނާގެ ސަފީރު ކޮން ޝިއަންހުއާ އާއި ބައްދަލުކުރައްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ދުރު ޒަމާންވީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޗައިނާގެ ސަފީރާއެކު މިނިސްޓަރު ސައީދު މަޝްވަރާކުރެއްވި ކަމަށެވެ.

އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ސްޓްރެޓެޖިކް އެއްބާރުލުމުގެ ދަށުން ދެޤައުމުގެ ތަރައްޤީ ޙިއްޞާކުރާ ތަޞައްވުރުގެ މައްޗަށް މަސައްކަތްކުރުމާ މެދު ޝައުޤުވެރިކަން ދެ ބޭފުޅުން ވެސް ފާޅުކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ބައްދަލުވުމަށްފަހު ޗައިނާ ސަފީރު ކޮންގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު ސައީދާއި ބައްދަލުކުރެއްވުމަކީ ލިބުނު ޝަރަފެއް ކަމަށާއި ރާއްޖެއާއި ޗައިނާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުމުގެ "ކާމިޔާބު ނަތީޖާތައް" ކުރިމަގުގައި ފެނިވަޑައިގަތުމާމެދު އުފާކުރައްވާ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމާ މެދު ސަފީރު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މިނިސްޓަރު ސައީދު ވަނީ ދެ ގައުމު ދޭތެރޭގައި ހިއްސާކުރާ ތަސައްވުރާ އެއްގޮތްވާ ގޮތުގެމަތިން މުހިއްމު ނަތީޖާތަކާއި، އިޤްތިޞާދީ އުއްމީދާއި، ތަރައްޤީގެ މަންފާތައް ގެނެސްދެވޭނެކަމާމެދު ޔަޤީންކަން ފާޅުކުރައްވާފަ އެވެ.