Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން ދަނީ ނެތެމުން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

މި ސަރުކާރާއެކު ނޫސްވެރިކަމުގެ މިނިވަންކަން ނެތެމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެން އެ ކޮމިޝަނުގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލުމަށްފަހު އިއްޔެ ގެއަށް ދިޔުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިނިވަން މުއައްސަސާތަކާއި ފާޑުކިޔާ ފަރާތްތަކާ މެދު ގެންގުޅޭ ނުރުހުން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ސަރުކާރުގެ މި ފިޔަވަޅަކީ ސިޔާސީ ނުފޫޒު ފޯރުވުމުގެ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށާއި، މިއީ ޤައުމުގެ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފޮނުވި ނުރައްކާތެރި މެސެޖެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވަނީ ޖަވާބުދާރީވުމަށް ބިރުގަންނަ ސަރުކާރަކުން މީޑިއާ ހިމޭން ކުރުވާނެ ކަމަށާއި މިވަގުތު، ރާއްޖެއިން ދުނިޔެއަށް ދައްކުވައިދެނީ މިނިވަންކަން ކިހާ ބަނަކަމެއްގައި އޮތްކަން ކަމަށްވެސް ވިދާޅުވެފަ އެވެ.

ބްރޯޑްކޮމްގެ މުވައްޒަފުން ބުނީ ތަން ހިންގަން ހުރި އެންމެ އިސްވެރިޔާ، ޒީނިއާ ސަސްޕެންޑް ކުރިކަން އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި އެއީ އެއްވެސް އިޖުރާތެއް ފުރިހަމަ ނުކޮށް އިދާރީ އޮނިގަނޑާއި ހިލާފަށް ކުރި ކަމެއް ކަމަށެވެ. އަދި މިއީ މުވައްޒަފުންނަށް ބިރު ދައްކަން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ބްރޯޑްކޮމް އިން ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑްކޮށްފައިވާއިރު، އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އަންގާފައިވެ އެވެ.